ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.1 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމް ކޮށްފިއެވެ. މީގެ ކުރިން ވެސް މިމައްސަލައިގައި ޙުކުމް ކުރިނަމަވެސް އެފަހަރުގެ ޙުކުމުގައި ޤާނޫނީ މައްސަލަ ދިމާވާނެ ޓައިޕިންގ މިސްޓޭކެއް އާޒިމާއަށް ކޯޓުން ޙަވާލުކުރި ޤަޒިއްޔާ ނިމުނުކަމުގެ ރިޕޯޓުގައި އޮތެވެ. އެހެންކަމުން، ސިވިލް ކޯޓުން އަލުން މުރާޖަޢާކޮށް، އާ ޙުކުމެއް ކުރިއިރު މިދެންނެވި މިސްޓޭކު ވަނީ އިޞްލާޙް ކޮށްފައެވެ.

މި މައްސަލައިގެ ފަހަތުގައިވާ ތަފްސީލުތަކަށް ބަލާއިރު، އާޒިމާ އެމްއައިބީން ނަންގަވާފައިވާ ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ، މި އަހަރުގެ ކުރީކޮޅު ސިވިލް ކޯޓުން އާޒިމާގެ ޣައިރު ހާޒިރުގައި ޙުކުމް ކޮށްފައި ވެއެވެ. މި ޙުކުމާއި ގުޅިގެން އާޒިމާގެ ފަރާތުން އެ ޙުކުމް އަލުން މުރާޖަޢާކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުއްވިއެވެ.
ކޯޓުން އަލުން ބެލި ބެލުމުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ކުރިން ކުރެވުނު ޣައިރު ހާޒިރުގެ ޙުކުމް ބާޠިލުކުރިއެވެ. އެހެންނަމަވެސް، އާޒިމާ އެމްއައިބީން ނަންގަވާފައިވާ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއަށް ފައިސާ ދައްކަވާފައި ނުވާކަން ސާބިތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ.
އާ ޙުކުމުގައި، އިއްޔެގެ ނިޔަލަށް އާޒިމާ ދައްކަވަން ޖެހިވަޑައިގަންނަވާ ޖުމުލަ އަދަދަކީ 4,282,514 ރުފިޔާ ކަމަށް ކަނޑައަޅައި، މީގެ ތެރެއިން 266,512 ރުފިޔާއަކީ ޗެރިޓީއަށް އަރާފައިވާ އަދަދެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. މި ފައިސާ ދެއްކެވުމަށް ކޯޓުން އާޒިމާއަށް ތިން މަސްދުވަހުގެ މުއްދަތެއް ދެއްވިއެވެ. އަދި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއް ދެއްކެވުމަށް އަންގަވާފައިވެއެވެ.
އިތުރު ތަފްސީލުތަކަށް ބަލާއިރު، މި ފެސިލިޓީ ހޯއްދެވުމަށް އާޒިމާ ރަހުނުކުރައްވާފައިވަނީ ހުޅުމާލޭގައި ހުންނަ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެކެވެ. އަދި ފެސިލިޓީއާއި ގުޅިގެން ހުރިހާ ފައިސާއެއް ދައްކަވައި ޚަލާޞްކުރައްވައި، ފެސިލިޓީ އެކައުންޓް ބަންދުކުރެވެންދެން، އެމްއައިބީއަށް ލިބިދީފައިވާ އެންމެހައި ޙައްޤުތަކާއި ބާރުތައް ދެމިގެންދާނެކަމަށްވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.









