މީސްމީޑިއާގައި "އެމްވީކްރައިސިސް" ގެ ނަމުގައި ހިންގާ ޕޭޖްތަކަކީ އަހަމަދު އަޝްރަފް (ޝުންބާ ގޮންގް) ހިންގާ އެކައުންޓްތަކެއްކަން ސާބިތުނުވާތީ، އޭނާގެ މައްޗަށް ކުރި އަބުރުގެ ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އަބްދުﷲ މަހްޒޫމް މާޖިދުގެ ފޮޓޯ ބޭނުންކޮށްގެން، އޭނާއާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ، އަބުރުގެ ބަދަލު ހޯދުމަށް އަހްމަދު އަޝްރަފްގެ މައްޗަށް އުފުލި ދައުވާއެކެވެ. މަހްޒޫމްގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެމްވީކްރައިސިސް އަކީ އަޝްރަފް ހިންގާ ޕޭޖެއް ކަމަށާއި، އެ ޕޭޖުން ކުރި ޕޯސްޓެއްގެ ސަބަބުން އޭނާގެ އަގުވެއްޓި، އަބުރަށް އުނިކަން ލިބިފައިވާ ކަމަށެވެ.
ނަމަވެސް، މި މައްސަލައިގައި ޤާޒީ އަހްމަދު އަބްދުލްމަތީން އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އެމްވީކްރައިސިސް ޕޭޖަކީ ސީދާ އަހްމަދު އަޝްރަފް ހިންގާ ޕޭޖެއްކަން މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމަށް ދައުވާކުރާ ފަރާތުން ހުށަހެޅި ހެކިތައް ކާފީ ނޫން ކަމަށެވެ. އަދި އަޝްރަފްގެ މީސްމީޑިއާ ހޭންޑްލް އެއް ކަމަށް ބުނާ "ShumbaGong" އެކައުންޓަކީވެސް އޭނާއާ ގުޅުން އޮތް އެކައުންޓެއްކަން ސާބިތުކުރުމަށް ހުށަހެޅި ކަންކަމަކީ ގާނޫނީ މިންގަނޑަށް ބަލާއިރު ބަލިކަށި ހެކިތަކެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އަހްމަދު އަޝްރަފްގެ ޣައިރު ހާޒިރުގައި ކުރި މި ހުކުމުގައި ކަނޑައަޅާފައިވަނީ، އެމްވީކްރައިސިސް ހިންގަނީ އަޝްރަފްކަން ސާބިތުނުވާތީ، މަހްޒޫމްގެ އަބުރާ ބެހުމުގެ އަމަލެއް އަޝްރަފް ކުރިކަން މި މައްސަލައިގައި ސާބިތުނުވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން، އަބުރުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.









