ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަބްދުލްހަސީބް އިސްމާއީލް އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހަސީބަށް އެ މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އީސީއަށް ހަސީބު އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުޢިއްޒު މަޖިލީހަށް ފޮނުއްވީ ހަސީބުގެ ނަން އެކަންޏެވެ.
އީސީއަށް ހަސީބު އައްޔަން ކުރަން ނަން ފޮނުވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ކުރިން ހުންނެވި ފުއާދު ތައުފީގުގެ ދައުރު މިދިޔަ މަހުގެ 23 ގައި ހަމަވުމުންނެވެ.
ހަސީބް ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ވެސް 2019 ވަނަ އަހަރު ކުރައްވައިފަ އެވެ.
ހަސީބު އެ މަގާމަށް އައްޔަންކުރުމާ އެކު، އީސީގައި މި ވަގުތު ތިއްބަވަނީ އޭނާ އާއި މެންބަރު ހަސަން ޒަކަރިއްޔާގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ.
އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާއޮ އެކު، އެ ދެ ގޮނޑި ވެސް މި ވަގުތު އޮތީ ހުސްކޮށެވެ.
އެ ދެ މަގާމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްކަން ކުރިން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރަން މަޖިލީހަށް ވަނީ ނަން ފޮނުވައިފަ އެވެ.









