ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފުއާދަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް ފުއާދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އީސީގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ މަހު 23 ގަ އެވެ. އޭނާ ވަނީ އީސީގައި ދެ ދައުރު ފުރިހަމަކުރައްވައިފަ އެވެ.
އީސީގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، އެ ކޮމިޝަންގެ މެންބަރުކަން ދެ ދައުރަށް ވުރެ ގިނަ ދައުރު އަދައެއް ނުކުރެވޭނެ އެވެ.
ފުއާދު ވަނީ 1978 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވި އެކި އިންތިހާބުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
އީސީގައި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިގާލީ ކޮމިޝަންގެ މެންބަރު ކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ. ކޮމިޝަަނަކަށް ބަދަލުވުމަށް ފަހު، 2009 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ.
ދެވަނަ ދައުރަކަށް އަލުން އީސީގެ މެންބަރު ކަމަށް ވަޑައިގެން ކޮމިޝަންގެ ރައީސްކަމާ ފުއާދު ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.









