ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކޮށްދޭނެ ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އަލުން އިއުލާންކޮށްފިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީ އޮފް ހައުސިންގގެ ބެލުމުގެ ދަށުން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބަން ޑިވެލޮޕްމަންޓް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކްސްޕާޓުންނާ އެކު މަޝްވަރާކޮށް، ފުރިހަމަ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.
މި ޕްލޭންގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާ ހުރި ގޮތެއްގައި ތަންފީޒު ކުރުމާއި މޮނިޓާކުރުމާއި އިވެލުއޭޓްކުރެވޭނެ ނިޒާމު ހިމެނޭނެ ކަމަށް މާލީ ވުޒާރާގެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ. އަދި މޫސުމީ ބަދަލުތަކާއެކު ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމާއި އައު މައްސަލަތަކާއި އީޖާދުތަކުން އެންމެ ބޮޑު ފައިދާއެއް ހާސިލު ކުރެވޭނެ ގޮތްތައް ފަދަ ކަންކަން ވެސް މި ޕްލޭނުގައި ހިމެނޭނެއެވެ.
މި މަސައްކަތަކީ މުޅި މުޖުތަމައު ބައިވެރިކުރުވައިގެން ހުރިހާ ގިންތިއެއްގެ އެންމެންގެ މަޝްވަރާ ހޯދައިގެން ކުރިޔަށް ގެންދާ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ. އެހެންކަމުން، އެކި ވަސީލަތްތަކުގެ ޒަރީއާއިން ހިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.









