ރަޝިޔާގެ ދެ ތެޔޮ ޓޭންކަރު ކަޅު ކަނޑުގައި މޫސުން ގޯސްވުމާއި ގުޅިގެން ފެތި، މިހާރު ތެޔޮ ލީކުވަމުންދާ ކަމަށް ރަޝިޔާގެ އިދާރާތަކުން ބުނެފިއެވެ. މި ދެ އުޅަނދުގައި ޖުމްލަ 29 ފަޅުވެރިން ތިބިކަމަށާއި، މި ހާދިސާ ހިނގާފައި ވަނީ ރަޝިޔާއާއި ކްރިމިއާ ވަކިކުރާ ކާޗް ސްޓްރެއިޓްގައި ކަމަށް ބުނެފައިވެއެވެ.

ޓާސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު ދެ ޓަގު ބޯޓާއި، ދެ ހެލިކޮޕްޓަރާއި، 50 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން މީހުން ސަލާމަތް ކުރުމާއި ކަނޑުން ތެޔޮތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

ރަޝިޔާގެ ފެޑެރަލް ކަނޑާއި އެތެރެވަރީގެ ދަތުރުފަތުރުގެ އޭޖެންސީ، ރޮސްމޮރެޗްފްލޮޓްގެ ބަޔާނެއްގައި ބުނެފައިވަނީ، "މިއަދު ކަޅު ކަނޑުގައި ދިމާވި ވިއްސާރައެއްގެ ސަބަބުން ވޮލްގޮނެފްޓް-212 އާއި ވޮލްގޮނެފްޓް-239 ނަމަކަށް ކިޔާ ދެ ޓޭންކަރު ފެތިއްޖެ" ކަމަށެވެ. އަދި "މި ދެ އުޅަނދުގައި 15 އަދި 14 ފަޅުވެރިން ތިބިކަމަށާއި، މި ހާދިސާގެ ސަބަބުން ތެލުގެ ބާވަތްތައް ލީކުވެފައިވާ" ކަމަށް ވެސް ބުނެފައިވެއެވެ.