ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި މާލޭގެ އެކި ތަންތަނުގައި ހިންގި މާރާމާރީތަކެއްގެ މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ މާލޭގެ އެކި ތަންތަނުގައި މާރާމާރީ ހިންގި މައްސަލަތަކެއް އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެއީ، ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ދި ރިޕަބްލިކް ކެފޭއަށް ރޭ ވަދެ، މާރާމާރީ ހިންގި މައްސަލައާއި ކިންޒާ ކެފޭ ކުރިމަތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަ މީހަކު ރޭ މާރާމާރީ ހިންގި މައްސަލައާއި ނޫރު މިސްކިތް ކައިރީގައި ރޭ ބަޔަކު މާރާމާރީ ހިންގި މައްސަލަ އަދި މިދިޔަ ބުރާސްފަތި ދުވަހު ލެޓްސް ގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލައެވެ.
ފުލުހުން ބުނީ މި މައްސަލަތައް ތަޙުޤީޤު ކުރަމުން އަންނަ ކަމަށާއި ތަޙުޤީޤު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފުސީލް ހާމަކުރާނެ ކަމަށެވެ.
ލެޓްސް ގޯ ކެފޭ އަށް ބަޔަކު ވަދެ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިނީ، ކްރިސްމަސް ފާހަގަކުރަން އެތަން ތައްޔާރުކޮށްފައި ހުރި ކަމަށް ބުނެއެވެ. އެމީހުން ކެފޭގައި އެލުވާފައި ހުރި ތަކެތި ނައްޓައި، ކެފޭގެ އެކި ތަންތަނަށް ގެއްލުންދޭ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.









