ޔަހޫދީ ދައުލަތުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ސޫރިޔާއާއި ލުބުނާނުގެ ސަރަޙައްދީ ރޮނގު ކައިރީގައިވާ މައުންޓް ހާމަންގައި ކުރިއަށް އޮތް ފިނި މޫސުމުގައި ޔަހޫދީ ފައުޖުތައް ދިގު މުއްދަތަކަށް ޤާއިމުވުމަށް އަމުރުކުރައްވާފައެވެ.
ޔަހޫދީ ދައުލަތުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޫރިޔާގެ މިހާރުގެ ޙާލަތަށް ބަލާއިރު، 2،800 މީޓަރު އުސް މައުންޓް ހާމަންގެ އެންމެ މަތީގައި ޔަހޫދީ ފައުޖުތައް ޤާއިމުވެ ތިބުމަކީ ސަލާމަތީ ގޮތުން ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާއި ގުޅިގެން، ޔަހޫދީ ފައުޖުތަކުން ވަނީ ސޫރިޔާގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ބަފަރު ޒޯނަކަށް ވަދެގަނެ އެ ސަރަޙައްދު އިސްތިޢުމާރުކޮށްފައެވެ. މައުންޓް ހާމަންގައި ޔަހޫދީ ފައުޖުތައް ޤާއިމުވުމަށް ނިންމުމުން، އެ ސަރަޙައްދަކީ ޔަހޫދީންނަށް ކިހާ މުހިންމު ސަރަޙައްދެއްކަން ދޭހަވެއެވެ.
ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ 1973 ވަނަ އަހަރު ޢަރަބިންނާއި އެކު ޔަހޫދީން ކުރި ހަނގުރާމައަށް ފަހު ސޮއި ކޮށްފައިވާ ބާރުތައް ވަކިކުރުމުގެ އެއްބަސްވުން ތަންފީޛުކުރުމަށް ފިޔަވަޅުތަކެއް ނާޅާހައިހިނދަކު ބަފަރު ޒޯނުގައި ޔަހޫދީ ފައުޖުތައް ދެމިތިބޭނެ ކަމަށް ބުނެފައެވެ.
މި ނިންމުމަކީ ޔަހޫދީ ފައުޖުތައް ސޫރިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ދެމި ތިބުމަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރެވެއެވެ. މައުންޓް ހާމަންއަކީ ދިމިޝްޤު ރީތިކޮށް ފެންނަ ސަރަޙައްދެއް ކަމަށްވުމާއެކު، މި ސަރަޙައްދުގައި ޔަހޫދީ ފައުޖުތައް ޤާއިމުވުމުން އެ ސަރަޙައްދުގެ ބާރު ޔަހޫދީންގެ އަތްމައްޗަށް ދާނެކަމަށް ދިރާސާކުރާ މީހުން ކަށަވަރު ކުރެއެވެ.









