ދެކުނު ކޮރެއާގެ ޕާލިމަންޓުން މިއަދު ރައީސް ޔޫން ސުކް ޔިއޯލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކޮށްފިއެވެ. މި ވޯޓު ފާސްވެފައިވަނީ 204 މެންބަރުންގެ ތާއީދާއެކު ކަމަށްވާއިރު އެމަނިކުފާނުގެ ދިފާޢުގައި 85 މެންބަރުން ވަނީ ވޯޓު ދީފައެވެ.

މި ވޯޓަކީ ރައީސް ޔޫން ކުއްލިއަކަށް އެ ގައުމުގައި މާޝަލް ލޯ އިއުލާންކުރުމަށް ކުރެއްވި މަސައްކަތާއި ގުޅިގެން ނަގާފައިވާ ވޯޓެކެވެ. މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި ކޮރެއާގެ ވެރިއަކު މަޤާމުގައި ހުއްޓާ އިމްޕީޗްމަންޓް އިޖުރާއަތަކާއި ކުރިމަތިލާންޖެހުނު ދެވަނަ ފަހަރެވެ.

ވޯޓާއެކު އެ ޤައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުންވަނީ މި މައްސަލައާ މެދު ފަހުގެ ނިންމުމެއް ނިންމަންދެން ޔޫންގެ ބާރުތައް ވަގުތީގޮތުން ހިފަހައްޓައި ސަސްޕެންޑްކޮށްފައެވެ. ދެކުނު ކޮރެއާގެ ގާނޫނު ބުނާގޮތުން ބޮޑުވަޒީރު ހާން ޑަކް-ސޫ، ވަގުތީ ރައީސްގެ ގޮތުގައި މަސައްކަތް ކުރައްވާނެއެވެ.

ރައީސް ޔޫން ވަނީ ޑިސެމްބަރު 3 ވަނަ ދުވަހު ކުއްލިއަކަށް މާޝަލް ލޯ އިޢުލާންކޮށް، ސިފައިން ޕާލަމެންޓަށް ފޮނުވައިފައެވެ. ނަމަވެސް އޭގެފަހުން މާޝަލް ލޯ އުވާލުމަށް ޕާލިމަންޓުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. މި ނިންމެވުމުގެ ސަބަބުން ޔޫންވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.