މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ތަހުޤީގުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދަވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސީޕީ ވިދާޅުވީ، އަލިފާން ނިއްވުމުގައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު އަލިފާނުގެ ހާދިސާ ހިނގި ސައިޓް ވަނީ ފުލުހުންނާއި ހަވާލުކޮށްފައިކަމަށް ސީޕީ ވިދާޅުވިއެވެ.
"މި ހާދިސާގެ ތަހުޤީގު ފުލުހުން ކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަދި މި ތަހުޤީގުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން. ރައްޔިތުންނަށް މިކަންކަމުގެ ފުރިހަމަ މަޢުލޫމާތު ހިއްސާ ކުރާނަން،" ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ދުށް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި އެވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން، އިތުރު މީހުންގެ ފަރާތުންވެސް މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް ހިއްސާ ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭނަން،" ސީޕީ ވިދާޅުވިއެވެ.









