ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ދެވަނަ ފަހަރަށް ޤާނޫނު ހަދާ މަޖިލީހަށް ވައްދައިފިއެވެ. މި މައްސަލަ ހުށަހެޅީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިސްވެ އޮވެ، އެހެން ހަ ޕާޓީއަކާ ގުޅިގެންނެވެ.

މި މައްސަލަ ހުށަހެޅުމާ ގުޅިގެން، ރައީސް ޔޫން ވަނީ ޓީވީ މެދުވެރިކޮށް ދިގު ޚިޠާބެއް ދެއްވައި، އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަޤާމު ދިފާޢުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ އޭޕްރީލް މަހު ބޭއްވުނު އިންތިޚާބުގައި އެމަނިކުފާނުގެ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ފަހަތުގައި އުތުރު ކޮރެޔާ އޮތް ކަމަށް ތުހުމަތު ކުރައްވައިފައި ވެއެވެ.

ޔޫންގެ އަމިއްލަ ޕާޓީ ކަމުގައިވާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ) އިން ބުނެފައިވަނީ ރައީސްކަމުން އިސްތިޢުފާ ދެއްވުން ނުވަތަ މަޖިލިސް މެދުވެރިކޮށް މަޤާމުން ދުރުކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި ޕީޕީޕީގެ ވެރިޔާ ހާން ޑޮންގް ހޫން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުކުރުމަށް ޕާޓީގެ މެންބަރުންނަށް ލަފާދެއްވައިފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ވޯޓަށް އެހުމަށް ތާވަލުކޮށްފައިވަނީ ހޮނިހިރު ދުވަހަށެވެ. މި މައްސަލަ ފާސްވުމަށް ޕީޕީޕީގެ އަށް މެންބަރުންގެ ތާއީދު ބޭނުންވާނެ ކަމަށް ބެލެވެއެވެ. މައްސަލަ ފާސްވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުންނެވެ.

މި މައްސަލައާއި ގުޅިގެން ރައީސް ޔޫން ވިދާޅުވެފައިވަނީ، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކު މަޤާމުން ވަކިކުރަން ކުރާ މަސައްކަތަކީ އިދިކޮޅުން ޖަހާ ސަކަރާތެއްގެ ގޮތުގައި ކަމަށެވެ. އަދި އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މަޤާމު ދިފާޢުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޤައުމަށް ޚިޔާނާތްތެރިވެވަޑައިގަތް ކަމުގެ ތުހުމަތުގައި ރައީސް ޔޫނާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް މިހާރު ވަނީ ފަށައިފައެވެ. އަދި ޤައުމު ދޫކުރައްވައި ވަޑައިނުގެންނެވޭ ގޮތަށް، އެމަނިކުފާނުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.