މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީ ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 29 މީހަކު ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު 6:25 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހައުސިންގ މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން އައި އިމާރާތްތަކުގައެވެ. މި ހާދިސާގައި އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަޙައްދަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
އެންޑީއެމްއޭއިން ބުނީ މި ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމްކޮށް، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ހާދިސާއާ ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދި ގުޅާފައިވީ ނަމަވެސް، ގިނަ ފަރާތްތަކެއް ވަނީ އާއިލާގެ އެހެން ގެތަކަށް ވަގުތީގޮތުން ބަދަލުކޮށްފައި ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭ އިން އެންމެ ފަހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ތިން އިމާރާތެއްގެ ހަތް ގޭބިސީއަކުން ޖުމްލަ 29 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުންނެވެ. އޭގެ ތެރޭގައި ޞިއްޙީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނެއެވެ.
މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ފެނާއި ކަރަންޓު ކެނޑިފައިވާ އިމާރާތްތަކަށް އަލުން ޚިދުމަތްތައް ގުޅައިދިނުމުގެ މަސައްކަތް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާ ގުޅިގެން ކުރިއަށްދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން އިތުރަށް ބުނެފައިވަނީ، ގެއްލުން ލިބުނު އިމާރާތްތަކުގެ އަވަސް އެސެސްމަންޓެއް ހެދުމަށްފަހު، އެ ތަންތަނަށް މީހުން ބަދަލުވުމަށް ރައްކާތެރިނަމަ، އާއިލާތައް އަނބުރާ ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.









