ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު ރާއްޖެ އައިސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މި ކަދުރު މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ ކަމަށެވެ. އަދި މި އަހަރު ކަދުރު ބެހުމުގައި އައު ބަދަލެއް ގެންނަ ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
"މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ،" ވަޒީރު ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކުރަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ދިވެހިރާއްޖެ އާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި ބަދަހި ގުޅުމުގެ ހެއްކެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.









