ދިއްދޫ މޮޅުވެ ގްރޫޕް އެފްގެ ވާދަވެރިކަން ގަދަވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 312 ދުވަސް ކުރިން - 11 ޑިސެންބަރު 2024 01:54
ޚުލާސާ

ދިއްދޫއިން 2-0 ލަނޑުން މާފުށި ބަލިކުރުމުން މިހާރު ތާވަލުގެ އެއްވަނައިގައި އޮތް ދިއްދޫ އާއި ދެވަނައިގައި އޮތް މާފުއްޓަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އޭދަފުއްޓަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވޭ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގައި ހއ. ދިއްދޫ އިން ކ. މާފުށި ބަލިކޮށްލުމާއެކު، ތިން ޓީމު ހިމެނޭ ގްރޫޕް އެފްގެ ވާދަވެރިކަން އިތުރަށް ގަދަވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދިއްދޫ މޮޅުވީ 2-0 ލަނޑުންނެވެ. މާފުށި މި މެޗުން ބަލިވި ނަމަވެސް، އެ ޓީމުން ވަނީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބ. އޭދަފުށި 2-0 އިން ބަލިކޮށްފައެވެ. މިހާރު ތާވަލުގެ އެއްވަނައިގައި އޮތް ދިއްދޫ އާއި ދެވަނައިގައި އޮތް މާފުއްޓަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އޭދަފުއްޓަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިރޭގެ މެޗުގައި ދިއްދޫގެ ދެ ލަނޑުވެސް ޖެހިފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އަހުޒަމް ރަޝީދު ވަނީ ދިއްދޫއަށް ލީޑު ހޯދައިދީފައެވެ. އަދި 35 ވަނަ މިނެޓުގައި އާދަމް އާޒިމް ވަނީ ދަނޑުގެ މެދު ރޮނގުން ފޮނުވާލި ހަމަލާއަކުން ދިއްދޫގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި ގްރޫޕުން ކުއާޓަރ ފައިނަލަށް ދާނެ ޓީމުތައް ކަނޑައެޅިގެންދާނީ ދިއްދޫ އާއި އޭދަފުށި ކުޅޭ މެޗުންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ދެވަނަ ބުރުގައި 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން އެންމެ ކުރިއަށްދާ ދެ ޓީމަކަށް ކުއާޓަރ ފައިނަލުގެ ޖާގަ ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%