މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން 4 އަތޮޅަކުން "އެސްޓީއޯ ރޭޓު" ގައި ތެޔޮ ވިއްކަން ފަށައިފި ކަމުގައި އެސްޓީއޯ އިން މިއަދު ހާމަކޮށްފިއެވެ.
އެސްޓީއޯ އިން ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ގޮތަށް މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ. މިގޮތުން ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، ހެޔޮ އަގުގައި ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އިތުރަށް އެސްޓީއޯ އިން ހާމަކުރި ގޮތުގައި، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ޤާއިމުކުރެވޭނެއެވެ. މިއީ މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.
މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ރައްކާކުރާ "ސްކިޑް" ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ކޮންމެ ފިއުލް ސްކިޑެއްގައި 40 ފޫޓުގެ 2 ތެޔޮ ކޮންޓެއިނަރ އަދި 20 ފޫޓުގެ ކޮންޓެއިނަރު މޯބައިލް އޮފީހެއްގެ ގޮތުގައި ޤާއިމުކުރާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް ތެޔޮ ލިބުމުގައި ދިމާވާ ދަތިތައް ޙައްލުވެ، މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.









