ނ. މަނަދޫގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ފެށުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޕައިލެޓު ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ "އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ" (އެޝުއަރ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓު އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
އެގޮތުން، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީމަހުގެ 8 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 10ވާ ހޯމަ ދުވަހުގެ 13:00 ގައި މާލީވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
"އެޝުއަރ" ޕްރޮޖެކްޓަކީ 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން 20 ރަށެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، އެއް ރަށުގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމްކުރުން ހިމެނެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ނިޒާމުތައް ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމާއި މި ރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން، އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. ނ. މަނަދޫގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު ފެށުމުން، އެ ރަށުގެ ކަރަންޓުގެ ޚަރަދު ކުޑަވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.