ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާއި ގުޅޭ ގޮތުން އޮމާންގެ ސަރުކާރާއި އެކު ދިވެހި ސަރުކާރުން މިއަދު މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކޮށްފައި ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އޮމާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސާލިމް ބިން ސާއިދު އަލް ހަބްސީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ހަލީލް އޮމާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ޙަމޫދު އަލްބުސައީދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.









