ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލު ރަސްމީ ދަތުރުފުޅެއްގައި މިއަދު އޮމާނަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 10 އިން 13 އަށް ކުރައްވާ މި ދަތުރުފުޅުގައި، ޑރ. ޚަލީލު އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު މި ދަތުރުފުޅުގައި ބައިވެެރިވެވަޑައިގަންނަވައެވެ.









