ވައިބާ އެކައުންޓް ހެކްކުރުމަށް އައު އުކުޅެއް ބޭނުންކުރާތީ ސަމާލުވާން އެދިއްޖެ

އަހްމަދު އީޒާން | 312 ދުވަސް ކުރިން - 10 ޑިސެންބަރު 2024 18:11
ޚުލާސާ

ފުލުހުން ބުނީ މި މައްސަލަ ފާހަގަކުރެވުނީ ފުލުހުންނަށް ހުށަހަޅަމުން ދާ ބައެއް މައްސަލަތަކާއި ގުޅިގެން ކަމަށް.

ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ނުވަތަ ހެކްކުރުމަށްޓަކައި ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައި ވާތީ އެކަމަށް އާންމުން ސަމާލުކަން ދިނުމަށް މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ އެކަން ފާހަގަކުރެވުނީ ފުލުހުންނަށް ހުށަހަޅަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން ކަމަށެވެ.

މި އައު އުކުޅުގައި ސްކޭމަރުން ވިކްޓިމަށް ގުޅައި، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސްކޭމަރުގެ އެކައުންޓެއް ރިކަވާކުރުމަށް ކަމަށް ބުނެ ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ. އެ ކޯޑު ހިއްސާ ނުކުރުމުން، ދެން އެދެނީ ވިކްޓިމްގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ނަންބަރު ހިއްސާކުރުމުން، އެ ނަންބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބާ އެކައުންޓް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަށް ސަމާލުވެ، ނުދަންނަ މީހަކާއި އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ކަހަލަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވުމުން ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ މި ކަހަލަ މައްސަލަތައް މަދުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި، ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އެންމެ ބޮޑު އެހީއަކަށް ވާނީ ވީހާ ވެސް ބޮޑަކަށް އާންމުން މި ކަހަލަ މައްސަލަތަކަށް ހޭލުންތެރިވެ، ހުށިޔާރުވުމެވެ،

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%