އިންސާނީ ޙައްގުތަކުގެ ދާއިރާއިން މިއަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޤައިދީންގެ ބޭސްފަރުވާއާ ގުޅުންހުރި މައްސަލަތައްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.
އެޗްއާރްސީއެމްގެ ސީނިއަރ އެޑްވޮކަސީ އޮފިސަރ މުޙައްމަދު ޝަނޫން ޕީއެސްއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ވިދާޅުވި ގޮތުގައި މިއަހަރުގެ މިހާތަނަށް އިންސާނީ ޙައްގުތަކާއި ގުޅޭ ޖުމްލަ 637 މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ޤައިދީންގެ ބޭސްފަރުވާއާއި ގުޅުންހުރި 131 މައްސަލަ ހިމެނެއެވެ.
"މިއަހަރުގެ މިހާތަނަށް ޤައިދީންގެ ބޭސްފަރުވާއާ ގުޅުންހުރި 130އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވޭ. މީގެ އިތުރުން ލާއިންސާނީ އަނިޔާގެ 99 މައްސަލައާއި، ބޭސްފަރުވާ ފިޔަވައި ޤައިދީންނާ ގުޅުންހުރި އެހެނިހެން 52 މައްސަލަ ހުށަހަޅާފައިވޭ," ޝަނޫން ވިދާޅުވިއެވެ.
އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްގުތަކާއި ގުޅުންހުރި 22 މައްސަލަވެސް ހުށަހަޅާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 249 މައްސަލައަކީ ތަޙުޤީޤުކުރުމުގެ އަސާސްތަކެއް ނެތްކަމަށް ނިންމާފައިވާ މައްސަލަތަކެވެ. އަދި ތަޙުޤީޤުކުރަން ނިންމާފައިވާ 388 މައްސަލައިގެ ތެރެއިން މިހާތަނަށް 222 މައްސަލައެއްގެ ތަޙުޤީޤު ނިމިފައިވާކަމަށް އެޗްއާރްސީއެމުން ހާމަކުރިއެވެ.
އެޗްއާރްސީއެމްގެ ސީނިއަރ އެޑްވޮކަސީ އޮފިސަރ ފާޠިމަތު އަޙްމަދު ވިދާޅުވީ، އިންސާނީ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށެވެ.
"ކޮމިޝަނަށް ކޮންމެ އަހަރުވެސް ލިބެނީ ވަރަށް ކުޑަ ބަޖެޓެއް. އެ ބަޖެޓު އަޅުގަނޑުމެން އެބަ ބަހާލަންޖެހޭ އެކި ދާއިރާތަކަށް. އިންސާނީ ޙައްގުތަކާ މެދު މީހުން ހޭލުންތެރިކުރުވުމަކީ ވަރަށް ބޮޑު ޒިންމާއެއް. އެކަމަށްވެސް ވަރަށް ކުޑަ ބަޖެޓެއް މިލިބެނީ," ފާޠިމަތު އަޙްމަދު ވިދާޅުވިއެވެ.
ބަޖެޓުގެ ދަތިކަން ހުރިނަމަވެސް އެކި ގޮތްގޮތުން ހޯދާ އެހީތަކާއި، އެކި ޖަމްޢިއްޔާތަކާއި ގުޅިގެން އިންސާނީ ޙައްގުތަކާއި ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް އެޗްއާރްސީއެމުން ދަނީ ކުރަމުންނެވެ. އެގޮތުން ސްކޫލް ކުދިންނަށާއި އެކި ރަށްރަށުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
އެޗްއާރްސީއެމުން އިތުރަށް ހާމަކުރި ގޮތުގައި، އިންސާނީ ޙައްގުތަކުގެ ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަކުރާނީ އައްޑޫ ސިޓީގައެވެ.