ސޫރިޔާގެ ވެރިރަށް ދިމިޝްޤު އަތްދަށަށް ގެނެސް، ރައީސް ބަޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލި ހަޔިއަތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރި ޖަމާޢަތާއި ވެރިކަން ޙަވާލުކުރަން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޖަލީލީ ނިންމަވައިފިއެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައި އަސަދުގެ ސަރުކާރު ވައްޓާލުމާ ގުޅިގެން، އަސަދު ވަނީ އޭނާގެ ޢާއިލާއާއެކު ރަޝިޔާއަށް ފިއްލަވައިގެން ވަޑައިގެންފައެވެ. މިއާއެކު، 13 އަހަރު ދެމިގެންދިޔަ ދާޚިލީ ހަނގުރާމައަށް ނިމުމެއް އައިސް، އަސަދުގެ ޢާއިލާގެ 50 އަހަރުގެ ވެރިކަން ވެސް ވަނީ ނިމުމަކަށް އައިސްފައެވެ.
ބޮޑުވަޒީރު ޖަލީލީ ވިދާޅުވި ގޮތުގައި، ވެރިކަން ޙަވާލުކުރާނީ އެޗްޓީއެސްއިން އުފައްދާފައިވާ ސީރިއަން ސެލްވޭޝަން ގަވަރމެންޓް (އެސްއެސްޖީ)އަށެވެ. އެސްއެސްޖީގެ އިސް މުޝީރުގެ މަޤާމާ ޙަވާލުވާނީ މުޙައްމަދު އަލް-ބަޝީރު ކަމަށް ޚަބަރުތައް ބުނެއެވެ.
ސޫރިޔާގެ ވެރިކަން ބަދަލުވުމާ ގުޅިގެން، މެދުއިރުމަތީގެ ބާރުތަކުން ވަނީ އެސްއެސްޖީއާއި އެޗްޓީއެސްއާއެކު މަޝްވަރާތައް ފަށައި، ގުޅުންތައް ޤާއިމުކުރަން މަސައްކަތް ފަށާފައެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ އައިއެސް ފަދަ ނިރުބަވެރި ޖަމާޢަތްތަކުން އަލުން ބާރު ހޯދަން މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އެޗްޓީއެސްގެ ލީޑަރު މުޙައްމަދުލް ޖީލާނީ ވިދާޅުވީ އޭނާ ބޭނުންގުޅުވަނީ މެދުމިނުގެ ޒަމާނާއި ގުޅޭ ވެރިކަމެއް ސީރިއާގައި ހިންގަން ކަމަށާއި، އެއްވެސް ބަޔަކު އެކަމާއިމެދު ބިރު ނުގަތުމަށެވެ.









