ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލްގެ ޕާސްޕޯޓު ހިފަހައްޓައި، ޤައުމުން ބޭރަށް ދަތުރުކުރެއްވުން މަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ރައީސް ޔޫން ޑިސެންބަރު 3 ވަނަ ދުވަހު ކުއްލި ޙާލަތު އިޢުލާނުކުރެއްވުމާއި ގުޅިގެން އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ.
ދެކުނު ކޮރެޔާގެ ކޮރަޕްޝަން ތަޙްޤީޤުކުރާ އިދާރާގެ ވެރިޔާ އޯ ޑޮން-ވޫން ވިދާޅުވި ގޮތުގައި، ރައީސްގެ ޕާސްޕޯޓު ހިފަހައްޓައި ޤައުމުން ބޭރަށް ދަތުރުކުރެއްވުން މަނާކޮށްފައިވާ ކަމަށް އެ ޤައުމުގެ ޢަދުލު އިންޞާފާބެހޭ ވުޒާރާއިން ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.
ރައީސް ޔޫންގެ މައްޗަށް ޚިޔާނާތުގެ ތުހުމަތު ކުރެވި، ޖިނާއީ ތަޙްޤީޤެއް ފަށާފައިވާކަމަށް ދެކުނު ކޮރެޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ދަނޑިވަޅުގައި ރައީސް މަޤާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލުންތައް ވެސް ދަނީ އިތުރުވަމުންނެވެ.
ރައީސް ޔޫން ވަނީ ކުއްލި ޙާލަތު އިޢުލާނުކުރެއްވި ކަމަށްޓަކައި ޤައުމުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް މަޤާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެ ކަމަށް އިޝާރާތްކުރައްވައި، އެކަމާ ގުޅޭ ނިންމުމެއް ނިންމާނީ އޭނާގެ ޕާޓީން ކަމަށް ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެޔާގެ ސިޔާސީ މަޝްރަޙު ވަނީ ހަލަބޮލިވެފައެވެ. ރައީސްގެ އަމިއްލަ ޕާޓީން ވަނީ ރައީސްގެ މަސްއޫލިއްޔަތުތައް ބޮޑުވަޒީރާއި ޙަވާލުކޮށްފައިވާ ކަމަށް ބުނެފައިވާއިރު، މިކަމުގެ ސަބަބުން އެ ޤައުމު ވަނީ ދުސްތޫރީ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ.








