ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާމެދު ކަންތައް ކުރަންޖެހޭނީ ރައީސް މުޙައްމަދު އަމީނަށް ކަންތައް ކުރެއްވި ގޮތަށް ކަމަށް ބުނެ އެމްޑީޕީން ދައްކާފައިވާ ވާހަކަތައް ތަޙުޤީޤު ކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ބަލައިގަތުމަށް 44 މެންބަރުން ވޯޓު ދެއްވިއިރު، ބަލައިނުގަތުމަށް 8 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރެވެ.
މައްސަލައިގައި ފާހަގަކޮށްފައިވަނީ ރައީސް މުޢިއްޒަކީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސްގެ ދައުރު ނިމޭނެ ޙާލަތްތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީއާ ޚިލާފަށް ރައީސް މުޢިއްޒަށް ހަދަންޖެހޭނީ ރައީސް އަމީނަށް ހެދި ގޮތް ކަމަށް ބުނެ، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދެމުންދާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވަނީ ދާދި ފަހުން މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. މިއީ ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ކުރާ ކަމެއް ކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.
މި މައްސަލަ ބަލައިގަތުމާ ގުޅިގެން، މިކަން ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާއިރު ބަޑިގުދަން ފަޅާލައި ހަތިޔާރު ނަގަންވެސް ސޯޝަލް މީޑިއާގައި ގޮވާލާފައި ވެއެވެ.









