ސަރުކާރުގެ ކުންފުނިތަކުގައި ހިނގަމުންދާ ކަމަށް ތުހުމަތުކުރެވޭ ތެލުގެ ވައްކަމާ ގުޅިގެން އެސްޓީއޯގެ އޮޑިޓް ކޮމިޓީން ހޯދުނު ހޯދުންތައް ހާމަކުރުމަށް، އެ ކުންފުނީގެ ބޯޑު މެންބަރުންނާއި އޮޑިޓް ކޮމިޓީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްޕީއެލް އަދި އެފްއެސްއެމްގައި ހިންގާފައިވާ ތެލުގެ ވައްކަމާ ގުޅޭ އޮޑިޓު ރިޕޯޓު ދިރާސާކޮށް، އެ ރިޕޯޓާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުވާފައިވެއެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، މި މައްސަލައަކީ އެފްއެސްއެމްގެ ބޯޓުތަކުގެ ކެޕްޓަނުންނާ ހަމައިން ފެށިގެން އެ ކުންފުނީގެ މެނޭޖުމަންޓުގެ އިސްވެރިންނާ ހަމައަށް ވާސިލުވާ މައްސަލައެއް ކަމަށެވެ.
އެފްއެސްއެމްގެ ހިޔާނާތަކީ 50 މިލިއަން ރުފިޔާގެ ހިޔާނާތެއް ކަމަށް އެސްޓީއޯއިން ބެލި ބެލުމުން އެނގެން އޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެފްއެސްއެމްގެ އެމްޑީ މަޤާމުން އިސްތިއުފާ ދިނުމަކުން މައްސަލަ ނުނިމޭނެކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މާލިއްޔަތު ކޮމިޓީން ވަނީ އެސްޓީއޯ ބޯޑުގެ މެންބަރުންނާއި އޮޑިޓު ކޮމިޓީގެ މެންބަރުން ހާޒިރުކުރުމަށް އިއްތިފާޤުން ނިންމާފައެވެ.
މީގެ އިތުރުން، އެމްޕީއެލްގެ ތެލުގެ ހިޔާނާތުގެ މައްސަލައިގައި އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުވުމަށް އެ ކުންފުނީގެ ބޭފުޅުން ހާޒިރުކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މި ހާޒިރުކުރުންތަކުގެ މަޤްޞަދަކީ އޮޑިޓް ރިޕޯޓުން ހޯދުނު ހޯދުންތައް ބަލައި، މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމެވެ.









