އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އިއްޔެ ރަޝިޔާއަށް ވަޑައިގެންފިއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ދެ ގައުމުގެ މެދުގައި އަސްކަރީ އެއްބާރުލުން އިތުރަށް ވަރުގަދަ ކުރުން ކަމަށް އިންޑިއާއިން ބުނެއެވެ.
އަނެއްކޮޅުން ބަލާއިރު މި ދަތުރުފުޅާއި ދިމާކޮށް އާ ހަނގުރާމަ މަނަވަރު "އައިއެންއެސް ޓޫޝެލް" ނެރޭނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާއިރު މާދަމާ އިންޑިއާ-ރަޝިއާ އިންޓަގަވަރމަންޓަލް ކޮމިޝަން އޮން މިލިޓަރީ-ޓެކްނިކަލް ކޯޕަރޭޝަން އިވެންޓުގައި މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.

މި ރަސްމިއްޔާތުގައި އިންޑިއަން ނޭވީގެ ޗީފް އެޑްމިރަލް ޓްރިޕާތީ ބައިވެރިވެވަޑައިގަންނަވާނެ.. (ފައިލް ފޮޓޯ / ގެޓީ އިމޭޖްސް)
ޖަވާހަރުލާލް ނެހްރޫ ޔުނިވާސިޓީގެ ސެންޓަރ ފޯ ރަޝިޔާ އެންޑް ސެންޓްރަލް އޭޝިއަން ސްޓަޑީޒްގެ އެސޯސިއޭޓް ޕްރޮފެސަރު އަމީތާބް ސިންގް ވިދާޅުވީ މި ދަތުރަކީ އިންޑިއާ އާއި ރަޝިޔާގެ ޕާޓްނަޝިޕް ކުރިއަށްދާ ކަމުގެ ނިޝާނެއް ކަމަށާއި، އަދި މިއީ މިހާރުގެ ހާލަތުގައި ވަރަށް މުހިންމު ދަތުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާއިން ރަޝިޔާގައި އުފައްދާފައިވާ އަސްކަރީ ސާމާނަށް ބަރޯސާވުން ކުޑަކޮށް މަދުކޮށް، އެހެން ގައުމުތަކުން ސަޕްލައި އިތުރުކުރަމުންދާއިރު، އިންޑިއާގެ ދިފާއީ ބޭނުންތަކަށް އަދިވެސް މޮސްކޯ މުހިންމު ކަމަށް ޕްރޮފެސަރު އަމީތާބް ސިންގް ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައި މަހު މޮސްކޯގައި އަދި އޮކްޓޯބަރު މަހު ބޭއްވި ބްރިކްސް ސަމިޓުގައި ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވާފައިކަން ފާހަގަ ކުރެވެއެވެ.









