ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން މިހާތަނަށް 6 ޙާފިޡަކަށް ފުރުޞަތު ދެވިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވާކަން އިސްލާމީ ކަންތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއް ކަމަށެވެ. އަދި ޙިފްޡުކުރާ ކުދީން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވަން ނިންމެވި ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ޚަރަދުތައް ހަމަޖައްސަވާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގައި މުޖުތަމަޢުގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށާއި ޤުރުއާން ހިތުދަސްކުރާ ޖީލެއް ބިނާކުރުމަށް ވަރަށް ބޭނުންތެރި ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ ޢަދަދު އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ޚާއްސަ ޢިމާރާތެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތަށް ހެއްދެވުމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.









