ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އެގައުމުން ފިލައިގެން ދިއުމާ ގުޅިގެން، އދ. ގެ ސަލާމަތީ ކައުންސިލުގައި ސޫރިޔާގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބައްދަލުވުން އޮންނާނީ ރަޝިޔާގެ އެދުމުގެ މަތިން ކަމަށް ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނެފިއެވެ.
އަނެއްކޮޅުން ބަލާއިރު، ހަނގުރާމަވެރިން ވަނީ އާދީއްތަ ދުވަހު ވެރިރަށް އަތުލައިގަނެ، ރައީސް ބައްޝާރުލް އަސަދުގެ 24 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފައެވެ. ހަނގުރާމަވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީން ޗޭނުތަކުން މިނިވަންވުމާއި ސައިދުނާޔާ ޖަލުގައި އަނިޔާވެރިކަމުގެ ދައުރު ނިމި ޖަލުތައް ހުސްކޮށްލާގައިވާ ކަމަށެވެ.
ރަޝިޔާގެ ރަސްމީ މަސްދަރަކުން އަސަދާއި އެމަނިކުފާނުގެ އާއިލާގެ މެމްބަރުންނަށް މޮސްކޯއިން ޙިމާޔަތް ދީފައިވާ ކަމަށް ބުނެފައިވާއިރު، ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން ވަނީ ސޫރިޔާގެ ރައްޔިތުން ހިމާޔަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދު ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.
ބައްޝާރުލް އަސަދު އެގައުމުން ފިލައިގެން ދިޔައީ ހަނގުރާމަވެރިން ވެރިރަށް ދިމިޝްގުއަށް ވަދެ، ފުރުމުގެ ކުރިން ސުލްހަވެރި ބަދަލުތަކެއް ގެނައުމަށް އަމުރު ކޮށްފައި ވަނިކޮށެވެ. މި ހާދިސާތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ސީރިއާގައި ހިނގާ 'އާދަޔާ ހިލާފު ހާދިސާތަކަށް' ގާތުން ފާރަލައްވަމުންދާ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.









