ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަޝިޔާގައި ހުންނެވި ކަމަށާއި، ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން އެ މަނިކުފާނަށާއި އާއިލާއަށް ހިމާޔަތް ދީފައިވާ ކަމަށް ރަޝިޔާގެ ނޫސް އެޖެންސީތަކުން ބުނެފިއެވެ. އަނެއްކޮޅުން ބަލާއިރު، ނަން ހާމަނުކުރާ ފަރާތަކާއި ހަވާލާދީ އިންޓަފެކްސް ނިއުސް އެޖެންސީން ބުނެފައިވަނީ ސޫރިޔާގެ ރައީސް އަލްއަސަދު މޮސްކޯއަށް ވަޑައިގެންފައިވާ ކަމަށެވެ.
ރަޝިޔާގެ ގައުމީ ޓީވީން ވެސް ވަނީ ބައްޝާރު ރަޝިޔާގައި ހުންނެވި ކަން ރިޕޯޓުކޮށްފައެވެ.
ސީރިއާއިން ވަނީ ބައްޝާރު ގައުމު ދޫކޮށް ވަޑައިގަތް ކަމަށް ބުނެ އިއްޔެ ވެސް ބަޔާނެއް ނެރެފައެވެ. އެކަމަކު ވަޑައިގަތް ތަނަކާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ކުރިން ބުނެފައެއް ނުވެއެވެ.
ދިމިޝްޤުން ފުރާވަޑައިގަތުމުގެ ކުރިން ބައްޝާރު އެންމެ ފަހުން ފެނިފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދިމިޝްގުގައި އިރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވިއިރު ކަމަށާއި، އެ ދުވަހު އޭނާ ވަނީ ސޫރިޔާގެ އެކި ހިސާބުތައް ހަލުވިކަމާއެކު ހިފަމުން އައި ހަނގުރާމަވެރިން ޗިސްޗިސް ކޮށްލާނެ ކަމަށް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ މޮނިޓަރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު)ގެ ވެރިޔާ ރާމީ އަބްދުއްރަހްމާން ބުނި ގޮތުގައި ބައްޝާރު ވަޑައިގަތް ކަމަށް ބެލެވޭ މަތިންދާބޯޓެއް ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔައެވެ. އޭގެ ފަހުން ސިފައިން ވަނީ އެއާޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވެސް ދޫކޮށްލައިފައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ސީރިއާ ސިފައިންގެ އިސް ދެ އޮފިސަރުންނާ ހަވާލާދީ ބުނެފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ދިމިޝްގު އެއާޕޯޓުގައި ސީރިއަން އެއާގެ ބޯޓަކަށް އަސަދު އަރާވަޑައިގެންނެވި ކަމަށެވެ. ފްލައިޓްރާޑާ24 ގެ ޑޭޓާއިން ދައްކާ ގޮތުން މަތިންދާބޯޓު އެންމެ ފުރަތަމަ ދަތުރުކުރީ ވެރިރަށާ ދުރަށް އިރުމައްޗަށެވެ.









