އަހަރުތަކަކަށް ފަހު ގަލޮޅު ޕާކު މަރާމާތުކޮށް އަލުން ހުޅުވަން ނިންމައިފިއެވެ.
އެއްވެސް ބޭނުމެއް ނުހިފި، ވީރާނާވަމުންދިޔަ ޕާކު މަރާމާތުކުރަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ޕާކު ވަށައިގެން ޖަހާފައި ހުރި ޓިނުތައް ނައްޓާލައި، އެތަން ސާފުކޮށް، ކޮންމެވެސް ވަރަކަށް އާބާތުރަ ފިލުވާފައިވާ ކަމަށެވެ. މި މަސައްކަތް ފެށުމުގެ މައިގަނޑު ސަބަބަކީ، ޕާކު ބަންދުކޮށްފައި އޮތުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް ބަދަލުވެ، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވަމުންދިއުމާއި، އެކަމުގެ ޝަކުވާތައް ކެނޑިނޭޅި ހުށަހެޅެމުންދިއުން ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، ޕާކު ތަރައްޤީކުރުމުގެ އައު ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. މި ޕްލޭންގައި ހިމެނެނީ:
- ތްރީ-އޮން-ތްރީ ބާސްކެޓް ކޯޓެއް
- އައުޓްޑޯ ބެޑްމިންޓަން ކޯޓެއް
- ދުވާ ޓްރެކެއް
- ކުޑަކުދިން ކުޅޭނެ ހުސް ބިމެއް
- އައުޓްޑޯ ޖިމެއް
- އިވެންޓް ބާއްވަން ޚާއްޞަ ސަރަޙައްދެއް
- އުމުރުން ދުވަސްވީ މީހުން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަޙައްދެއް
ކައުންސިލުން ބުނީ މި މަސައްކަތް ނިމުމުން އެކި އުމުރުފުރާތަކުގެ ގިނަ ބަޔަކަށް ޕާކުގެ ބޭނުން ހިފޭނެ ކަމަށެވެ.
ގަލޮޅު ޕާކަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ފުރަތަމަ ހުޅުވި އިރު ކުޑަކުދިން ކުޅޭ ގޮތަށް ތަރައްޤީކުރި ތަނެކެވެ. އޭގެ ފަހުން އެތަނުގައި ދެ ރެސްޓޯރެންޓެއް ވެސް ހިންގާފައިވެއެވެ. ނަމަވެސް، ޕާކު އަލުން ތަރައްޤީކުރަން ކަމަށް ބުނެ އެ ތަންތަން ހުސްކުރުމަށް ފަހު، މިނިވަން 50 އާ ދިމާކޮށް "ލެޑް ޕާކު" ތަކެއް ތަރައްޤީކުރިއެވެ. އެހެންނަމަވެސް، އޭގެ ފަހުން ޕާކު ވީރާނާވާން ވަނީ ދޫކޮށްލާފައެވެ.
މާލެ ސިޓީ ކައުންސިލުން މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މަސައްކަތް ފަށާފައިވާ ކަމަށާއި، ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.









