އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތަކީ މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް، މިނިސްޓްރީއަށް ގިނަ ދުވަހު މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި މިއަހަރު އެންމެ ހާޒިރީ ރަނގަޅު މުވައްޒަފުންނަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވާއިރު، މިނިސްޓްރީއަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެގޮތުން މިނިސްޓްރީއަށް 15 އަހަރާއި، 20 އަހަރު އަދި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން އެންމެ ރަނގަޅު މުވައްޒަފުން ހޮވާ ހަނދާނީ ފިލާ ދީފައިވާއިރު، މިނިސްޓްރީގެ ސެކްޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ސެކްޝަންތަކާއި މަހާސިންތާތަކުގެ ތެރެއިން އެންމެ ރަނގަޅު މަހާސިންތާތަކަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަހަރުގެ ތެރޭގައި މިނިސްޓްރީގެ އެކްޝަން ޕްލޭންގައި ޙާސިލްކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން 98 އިންސައްތަ ޙާސިލްކުރެވިފައިވާކަމަށާއި، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް މިނިސްޓްރީގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިނިސްޓްރީގައި މުވައްޒަފުންގެ ފަރާތުން މިނިސްޓްރީގެ އަމާޒުތައް ޙާސިލްކުރުމަށް ފުރިހަމަ އެއްބާރުލުން ލިބިލައްވާނެކަން ޔަޤީންކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކުން ގިނަ މުވައްޒަފުން ބައިވެރިވެލައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.









