ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ އެންބަސީއަށް ޙަމަލާ ދީފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޙަމަލާ ދީފައިވަނީ ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުންނެވެ. އީރާނަކީ އަސަދުގެ ވެރިކަން ދިފާޢު ކުރުމަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ޤައުމެކެވެ.
އީރާނުގެ ދައުލަތުގެ ޓީވީން އިތުރަށް ބުނެފައިވަނީ މި ޙަމަލާ ދިނީ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ކަމަށް ނުބެލެވޭ ކަމަށެވެ. ސޫރިޔާގެ ވެރިކަން ވައްޓާލާފައިވަނީ އެޗްޓީއެސްގެ ހަނގުރާމަވެރިންނެވެ.
ޙަމަލާ ދިން ފަރާތްތަކުން އެންބަސީގެ މުދަލަށާއި ލިޔެކިޔުންތަކަށް ގެއްލުން ދީފައިވާ ކަމަށް ވެއެވެ. އަދި އިމާރާތުގެ ބައެއް ކުޑަދޮރުތައް ތަޅާލައި ގެއްލުން ދީފައިވެއެވެ. ނަމަވެސް މި ޙަމަލާގެ ކުރިން އެންބަސީގެ މުވައްޒަފުންނާއި އެ މީހުންގެ ޢާއިލާތަކުން އެ އިމާރާތް ހުސްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ސޫރިޔާގައި ހުންނަވާ އީރާނުގެ ސަފީރު ޙުސައިން އަކްބަރީ ވިދާޅުވެފައިވަނީ އެންބަސީއަށް ޙަމަލާ ދިން ނަމަވެސް އެންބަސީން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރޭގައި މަތީ ފަންތީގެ ބައްދަލުވުންތަކެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން އިތުރަށް ހާމަކޮށްފައި ވަނީ ސޫރިޔާގައި ހުންނަ ޝިޔަޢީންގެ މަޤްބަރާތަކަށް ގެއްލުން ނުދޭނެ ކަމުގެ ޔަޤީންކަން އެޗްޓީއެސްގެ ހަނގުރާމަވެރިން ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި މުޙައްމަދު ރަސޫލުު ރަސޫލުﷲގެ ޢާއިލީ ބޭފުޅުންގެ މަޤްބަރާތައް ވެސް ހިމެނެއެވެ.









