ޖަޕާނުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް 2.1 މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީއާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއޫޗީ މިދޯރީ އެވެ.
މި އެހީއަކީ އޭސީސީއަށް ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ޕްރޮޖެކްޓައް ހިންގަން ދިން އެހީ އެކެވެ.
މި އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޚަލީލް ވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމާއި އަދި ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެ ޕްރޮޖެކްޓާއިއެކު ދެފުށް ފެންނަ ގޮތަށް ސަރުކާރު ހިންގައި ކޮރަޕްޝަންގެ މައްސަލަަތައް އަވަހަށް ބެލުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖަޕާނަކީ އަބަދުވެސް މިފަދަ ބޮޑެތި އެހީތައް ރާއްޖެއަށް ދެމުން އަންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.









