ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރުގެ ޖުމްލަ ޢަދަދަށްވުރެ އިތުރުވެއްޖެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1،878،539 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 1.88 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5700 ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވުމާއެކު، ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑިއަށް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވާޞިލުވެވޭނެކަމަށް ބެލެވެއެވެ.
ވަޒީރު ވިދާޅުވީ، މި ކާމިޔާބީއަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާއެއްކަމަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ފަސް ޤައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.









