މި އަހަރު ނިމެން 23 ދުވަސް ބާކީ އޮއްވައި، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މުޅި ޖުމްލަ އަދަދާއި އަރައި ހަމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް މިހާރުވެސް 1,877,567 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ބޮޑެތި ކެމްޕޭނުތައް ކޮށް ރާއްޖެ ބަނގުރޫޓު ކޮށްލަން މަސައްކަތް ކޮށް، އަދި މިދިޔަ އަހަރު އައި ޢަދަދަށް ރާއްޖެއަށް ފަތުރިވެރިން ވެސް ނާންނާނެ ކަމަށް ބުނެފައި އެބަހުއްޓެވެ.
އެ ހުރިހާ އެންޓި-ކެމްޕެއިންތަކާއެކު ޓޫރިޒަމް މިނިސްޓްރީން ގެންދެވީ ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއެކު ޓޫރިސްޓް އެރައިވަލްސް އިތުރު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.
އިއްޔެގެ ނިޔަލަށް 1,877,567 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރި މިދިޔަ އަހަރު ޑިސެމްބަރު މަހުގެ އެންމެ ފަހު ދުވަހާއި ހަމަޔަށް ރާއްޖެއަށް އަށް އައީ 1,878,543 ފަތުރުވެރިންނެވެ.
މިއަހަރުގެ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 254,354 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މުޅި އަދަދުގެ 13.5 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 208,365 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫކޭއިންނެވެ. ޔޫކޭއިން 145,196 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑިސެންބަރު މަހު ދުވާލަކަށް އެވްރެޖްކޮށް 5,900 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދެއެވެ. މި ރޭޓުގައި ފަތުރުވެރިން އަންނަމުންދާނަމަ، އަހަރު ނިމޭއިރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.






