ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެން.ސީ.އޭ) އިން ބާއްވާ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާޙަޢުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކަށް ކަމަށް ވުޒާރާއިން ބުންޏެވެ.
މިމުބާރާތުގެ ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 12ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ވުޒާރާއިން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭ އިން އަދި ވުޒާރާގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.