ސީރިއާގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރު ގަދަވުމާ ގުޅިގެން ލުބުނާނުގެ ޙިޒްބުﷲ އާއި އީރާނަށް ބަލިކަށިކަން ލިބެމުންދާ ކަމަށް އެމެރިކާގެ ޚާއްޞަ މަންދޫބު އޭމަސް ހޮކްސްޓައިން ވިދާޅުވެއްޖެއެވެ.
ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު ސިޔާސީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޮކްސްޓައިން ވިދާޅުވީ ސީރިއާގެ މިހާރުގެ ހާލަތާއި ގުޅިގެން ޙިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދިނުމަށް އީރާނަށް ދަތިވާނެ ކަމަށެވެ. އަދި އީރާނުން ސީރިއާއަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންދާނެކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހޮކްސްޓައިން އިތުރަށް ވިދާޅުވީ ޙިޒްބުﷲ މުޅީން ނައްތާނުލެވުނު ނަމަވެސް، އެ ޖަމާޢަތް އިތުރަށް ބަލިކަށިވެފައިވާ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ލުބުނާނުގައި ޙިޒްބުﷲ އަދިވެސް ވަރުގަދަ އަށް އޮންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީރިއާގެ އަސްކަރިއްޔާއަށް ފާއިތުވި ހަފުތާތަކުގައި ލިބެމުންދާ ނާކާމިޔާބީތަކަކީ އެހާ ބޮޑު ހައިރާންކަމެއް ގެނެސްދޭ ކަމެއް ނޫން ކަމަށް ހޮކްސްޓައިން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި 13 އަހަރު ސީރިއާއަށް ލިބެމުންދިޔަ އީރާނާއި ރަޝިއާގެ ވާގިވެރިކަމާ އަޅާބަލާއިރު، މިހާރު އަސްކަރިއްޔާގެ ބާރު ބޮޑުތަނުން ކުޑަވެފައިވެއެވެ.









