ކީރިތި ޤުރުއާން ލިއުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން އާދަޔާޚިލާފު ފަންނުވެރިކަން ދައްކާލި، ދަރިވަރު ހުސައިން ނާއިޝްއާއި އޭނާގެ ބެލެނިވެރިންނާ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ނާއިޝް އެދުނު ގޮތަށް، މި ދާއިރާއިން އޭނާއަށް ބޭނުންވާ އިތުރު ހުނަރު ދަސްކޮށް ދިނުމަށް މިނިސްޓްރީން އެހިވާނެ ކަމަށެވެ. އަދި ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލު ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނާއިޝްއާއި އޭނާގެ ބެލެނިވެރިންނާ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ބައްދަލުކުރެއްވުން. / ފޮޓޯ: މިނިސްޓްރީ
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓޭނެ ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް ނާއިޝް އަށް ހޯދައިދެވޭނެ ކަމަށާއި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤު ހުރި މިފަދަ ހުރިހައި ކުދިންނަށް މި ފުރުޞަތު އޮންނާނެ ކަމަށެވެ.









