ސީރިއާގެ ވެރިކަން ބަދަލުވެއްޖެކަމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން އިއުލާނުކޮށްފިއެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި ރައީސް ބަޝާރު އަލް-އަސަދު ވަނީ އިދިކޮޅު ފަރާތްތަކުން ޑަމަސްކަސް (ދިމިޝްޤް) ހިފުމުގެ ކުރިން ބައިނަލްއަޤްވާމީ ވައިގެ ބަނދަރު މެދުވެރިކޮށް އެ ސިޓީން ފިލާފައެވެ.
ޑަމަސްކަސްގެ މަޝްހޫރު އުމައްޔަދު މައިދާނުގައި އެތައް ހާސް ބަޔަކު ދަނީ މިވަގުތު އެއްވެ، ދިދަ ނަގައި، މިނިވަން ވެއްޖެ ކަމަށް ބުނެ އުފާފާޅުކުރަމުންނެވެ..
އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އެމީހުން ވަނީ ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި، ދައުލަތުގެ ޓީވީއާއި ރޭޑިއޯ މަރުކަޒުތަކާއި، އަދި ސެދްނާޔާ ޖަލު ހިމެނޭ މުހިންމު ތަންތަން ކޮންޓްރޯލް ކޮށްފައެވެ. ސީރިއާގެ ސިފައިންގެ މަސްދަރުތަކުން ސަރުކާރު ވެއްޓިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، އޮފިސަރުން ވަނީ ދިފާއީ މިނިސްޓްރީއާއި އެހެނިހެން މުހިންމު ތަންތަނުން ފިލާފައެވެ.
ސީރިއާ ހިއުމަން ރައިޓްސް އޮބްޒަވޭޓަރީން ވެސް ވަނީ އަސަދު ފިލައިގެން ދިޔަކަމުގެ ރިޕޯޓުތައް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމުގެ ތަފްސީލުތައް އަދި ވަނީ ކަށަވަރު ނުކުރެވިއެވެ.









