މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ދެ ޑިރެކްޓަރުން މަޤާމުން ވަކިކޮށްފިއެވެ. މިގޮތުން ވަކިކުރެވުނު ދެ ޑިރެކްޓަރުންނަކީ އައްސަދު އަލީ އާއި މުޙައްމަދު ޝަހުދީ އަންވަރެވެ.
އައްސަދު އަލީ އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވާ ބޭފުޅެކެވެ. އަދި މުޙައްމަދު ޝަހުދީ އަންވަރަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއަރމަންގެ މަޤާމު ފުރުއްވާ ބޭފުޅެކެވެ. މި ދެ ބޭފުޅުން ވަކިކުރި ސަބަބެއް އެމްއެމްއޭއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެމްއެމްއޭގެ ބޯޑުގައި ޖުމްލަ ތިއްބަވަނީ 6 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްއޭގެ ގަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރާއި، އެމްއެމްއޭ ތަމްސީލުކުރައްވާ އެއް ބޭފުޅަކާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރުން ކަނޑައަޅާ ދެ ބޭފުޅެކެވެ.
މި ދެ ޑިރެކްޓަރުން ވަކިކުރުމާއި ގުޅިގެން، އެމްއެމްއޭގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން އައު ދެ މެންބަރުން ޢައްޔަންކުރާނެ ގޮތާއި މުއްދަތު އަދި ހާމަކޮށްފައެއް ނުވެއެވެ.









