އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އެތައް ގުނައެއް އަވަސްކޮށް، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައާއި ގާތްކޮށްފައިވާ ކަމަށް، ދުނިޔޭގެ ނިއުކްލިއަރ ހަތިޔާރަށް ފާރަވެރިވާ އދގެ ޖަމްޢިއްޔާ، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮސީ ވިދާޅުވެއްޖެއެވެ.
އައިއޭއީއޭއިން މެންބަރު ޤައުމުތަކަށް ފޮނުވި ސިއްރު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އަވަސް ކުރަމުންދަނީ ސިވިލް ނިއުކްލިއާ ހަކަތަ އުފެއްދުމަށް ނުވަތަ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭނެ ގޮތަށް މާއްދާތައް ރީފައިން ކުރުމަށެވެ.
މި ހޯދުންތަކާއި ގުޅިގެން، މަދަނީ އެއްވެސް ޕްރޮގްރާމެއްގެ ދަށުން ޔުރޭނިއަމް މިހާ މަތީ ފެންވަރަކަށް މުއްސަނދި ކުރުމުގެ ސަބަބެއް ނެތް ކަމަށް ބުނާ ހުޅަނގުގެ ޤައުމުތަކުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ. ނަމަވެސް، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ޔުރޭނިއަމް މުއްސަނދިކުރާ ކަމަށް ކުރެވޭ ތުހުމަތުތައް އީރާނުން ދޮގުކޮށްފައި ވެއެވެ.
އައިއޭއީއޭގެ ވެރިޔާ ގްރޮސީ ވިދާޅުވި ގޮތުގައި، އީރާނުގައި މިހާރުވެސް 60 އިންސައްތައިގެ ފެންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހުރިއިރު، އެ އިތުރަށް މުއްސަނދިކޮށްފިނަމަ، ހަތަރު ނިއުކްލިއަރ ބޮން އުފެއްދޭނެއެވެ. އަދި އީރާނުގެ ޔުރޭނިއަމް އުފެއްދުމުގެ ޤާބިލުކަން މިހާރު ހުރި މިންވަރަށް ވުރެ "7،8 ގުނަ އިތުރު، ފަހަރެއްގައި އެއަށްވުރެ ވެސް އިތުރު" ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަންތައްތަކާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް ގިނަ ޤައުމުތަކުން ގޮވާލަމުން ދެއެވެ.









