ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ، 33، އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 8:10 ހާއިރު އޭނާ ފެނުނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް ވެއްޓިފައި އޮއްވައި ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަހުމަދު އަބްދުﷲ މަރުވެފައި އޮއްވާ "ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔުމުން އޭނާ ބެލި ޑޮލަޓަރު ބުނީ މީގެ 6 ގަޑިއިރު ކުރިން މަރުވެފައިވާ ކަމަށް ބެލެވޭ" ކަމަށެވެ.
ފުލުހުން ވެސް ބުނީ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.









