ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިކްރާންތް މައްސޭ ވަނީ އޭނާ އެކްޓިން ދޫކޮށްލާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޚަބަރުތައް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާ ނަގަނީ ހަމައެކަނި ބްރޭކެއް ކަމަށް ބުނި ބުނުން މީޑިއާތަކުން ނަގާފައިވަނީ އިދިކޮޅަށެވެ.
37 އަހަރުގެ މި އެކްޓަރު މި ހަފުތާގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރިއެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އަންނަ އަހަރު އޭނާ ސްކްރީނުން ފެންނާނީ ފަހު ފަހަރަށް ކަމަށެވެ. މި ޕޯސްޓާއި ގުޅިގެން ގިނަ މީޑިއާތަކުން ރިޕޯޓުކުރީ އޭނާ އެކްޓިންގ ދާއިރާއިން ރިޓަޔަރ ކުރަން ނިންމައިފި ކަމަށެވެ.
ނަމަވެސް، މި ރިޕޯޓުތަކަށް ޖަވާބުދެމުން ވިކްރާންތް ވަނީ އެއްވެސް ހާލެއްގައި އެކްޓިންގ ދޫކޮށްލަން ނުވަތަ ރިޓަޔަރ ކުރަން ނިންމާފައި ނުވާ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ޕޯސްޓުގެ މާނައަކީ ދިގު ބްރޭކެއް ނަގަން ބޭނުންވާ ކަމެވެ.
"ޓުވެލްތު ފެއިލް" ފަދަ ކާމިޔާބު ފިލްމުތަކުގައި އަދާކޮށްފައިވާ ދައުރުތަކާއެކު، ވިކްރާންތަކީ މިހާރު ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް އެނގޭ ހަމައެކަނި މަސައްކަތަކީ އެކްޓްކުރުން ކަމަށާއި، އެ މަސައްކަތް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
ވިކްރާންތްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ދަ ސަބްރަމާތީ ރިޕޯޓް" އެވެ. އޭނާ އެންމެ ފުރަތަމަ އެންޓަޓެއިންމަންޓް އިންޑަސްޓްރީއަށް ނުކުތީ "ދޫމް މަޗާއޯ ދޫމް" ކިޔާ ޓީވީ ޑްރާމާއަކުންނެވެ. އަދި 2013 ވަނަ އަހަރު "ލުޓޭރާ" ކިޔާ ފިލްމަކުން އޭނާ ވަނީ ބޮޑު ސްކްރީނަށް ފުރަތަމަ ފަހަރަށް ނުކުމެފައެވެ.









