ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު މިޝެލް ބަޣުނިޔޭގެ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް ވިލާތުގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު ވަނީ ސިޔާސީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.
ބަޣުނިޔޭގެ ސަރުކާރާ ދެކޮޅަށް 331 މެންބަރުން ވޯޓުދިނެވެ. މިއީ 1958 ވަނަ އަހަރަށް ފަހު ފަރަންސޭސިވިލާތުގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކޮށްފައިވާ ސަރުކާރެވެ. އިތުބާރު ނެތް ކަމަށް ފާސްކުރުމާއި ގުޅިގެން، ބަޣުނިޔޭ އިސްތިޢުފާ ދެއްވަން ޖެހޭނެއެވެ.
މަޖިލީހުގެ މެންބަރުން ބަޣުނިޔޭގެ ސަރުކާރާ ދެކޮޅަށް ތެދުވެފައި ވަނީ، މަޖިލީހުގެ ތާޢީދު ނެތް ބަޖެޓެއް ފާސް ކުރަން މަސައްކަތް ކުރެއްވުމާއި ގުޅިގެންނެވެ. 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ދަރަނި ކުޑަކުރުމަށް 63.07 ބިލިޔަން ޑޮލަރު ހިމަނާފައިވެއެވެ.
މި ކާރިސާ ކުރިމަތިވީ ރައީސް މެކްޚޮންގެ އަމަލުތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. ޖޫން މަހު ބޭއްވި ޢާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.
މި ދަނޑިވަޅުގައި، މެކްޚޮންގެ ވެރިކަމާއި ދެކޮޅު ފަރާތްތަކުން ދަނީ އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. އަދި އިންވެސްޓަރުންގެ މެދުގައި ވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.









