ސޫރިޔާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އެ ޤައުމުގެ ހުޅަނގުގައި އޮތް ޙަމާއަށް އަތްގަދަ ކުރިމަށްފަހު ޙުމްޞަށް މިސްރާބުޖަހަން ތައްޔާރު ވެއްޖެނކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ޙަލަބު ޕުރޮވިންސަށް އަތްގަދަ ކުރަން ނޮވެންބަރު 27 ގައި ފެށި ޢުދުވާނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.
ޙަމާއަށް އަތްގަދަ ކުރުމަކީ ރައީސް ބައްޝާރް އަލް-އަސަދާއި އޭނާގެ ސަރުކާރަށް ވާގިވެރިވަމުންދާ ރަޝިޔާއާއި އީރާނުގެ ފައުޖުތަކަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ. ސޫރިޔާގެ އަސްކަރިއްޔާއާއި ރަޝިޔާ ގުޅިގެން ދަނީ ޙަލަބުގެ ރަށްތަކާއި އަވަށްތައް މިނިވަން ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޙަމާއަށް އެޗްޓީއެސްގެ ހަނގުރާމަވެރިން އަރައިގަނެފައި ވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެ ރަށުގައި ތިބި ސިފައިންނަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ފަހުއެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ބުނީ ރައްޔިތުންގެ ފުރާނަ ދިފާޢު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ދަނީ އުފާފާޅުކޮށް، އަދި ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި 3000 ކުށްވެރިން ވެސް މިނިވަން ކޮށްފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ދެކުނުގައި އޮތް ޚުމްޞަށް މިސްރާބު ޖަހާއިރު ޖަލުތަކުން މިނިވަންކުރި ހަނގުރާމަވެރިން ވެސް ބައިވެރިވާނެއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެޗްޓީއެސްއަށް ފަސޭހަކަމާއެކު ޙަމާއަށް އަތްގަދަ ކުރެވިފައި ވަނީ، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ޙިޒްބުاللهގެ މެންބަރުން ބަލިކަށިވެފައިވުމުން ކަމަށް ބެލެވޭ ކަމުގައެވެ. އަދި ރަޝިޔާއިން ވެސް މި ވަގުތު އުޅެނީ ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކަމަށް ފާހަގަކޮށްފައިވެއެވެ.









