މިއަހަރުގެ ތެރޭގައި ސިނަމާތަކުގައި ދައްކާލި ބޮލީވުޑް ފިލްމު "ޖިގްރާ" މާދަމާއިން ފެށިގެން ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އިޢުލާނުކޮށްފިއެވެ.
"ޖިގްރާ" އަކީ މަޝްހޫރު ބޮލީވުޑް ތަރި އާލިއާ ބަޓްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އެޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މިއީ އާލިއާ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދަށުން ކުޅެފައިވާ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 2022 ވަނަ އަހަރު އުފެއްދި "ޑާލިންގް" އެވެ.
ފިލްމު "ޖިގްރާ" ޑައިރެކްޓްކޮށްފައިވަނީ ވަސަން ބާލާއެވެ. އޭނާއަކީ 2019 ވަނަ އަހަރު އުފެއްދި "މަރްދު ކޯ ދަރްދް ނެހީ ހޯތާ" ފިލްމުގެ ޑައިރެކްޓަރުވެސް މެއެވެ. މި ފިލްމުގައި އާލިއާގެ ވަރަށް ތަފާތު އެކްޓިންގ ހުނަރެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
އާލިއާ އާއެކު މި ފިލްމުގައި ފެނިގެންދާނީ "ދަ އާރްޗީ" ގައިވެސް މަސައްކަތްކޮށްފައިވާ ހުނަރުވެރި ތަރި ވެދާންގް ރައިނާއެވެ. އާލިއާ އެންމެ ފަހުން ކުޅުނު ފިލްމަކީ ނެޓްފްލިކްސްގެ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އެވެ.