ގަލޮޅު ސަހަރާގައި މަސައްކަތެއް ކުރުމަށް، އެ ތަނުގައި ހުރި ބައެއް ގަބުރުތައް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ގަލޮޅު ސަހަރާގައި ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅިގެން، އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތު ސަރަހައްދާއި އިރު ދެކުނު ފަރާތު ސަރަހައްދުގައި ހުރި މިނި ކަށިތައް ނަގަން ބޭނުންވާތީ، އެ ތަންތަނުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވާ ކަމަށެވެ.
އެ ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ ފަރާތްތަކުން އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާ ނަމަ ސިޓީ ކައުންސިލާ ގުޅިގެން މި މަހުގެ 15 ގެ ކުރިން އެ މަސައްކަތް ކުރުމަށް އެ އިއުލާނުގައި ބުންޏެވެ.
އެ މުއްދަތުގައި ނުނަގާ މަހާނަ ގާތައް، ސިޓީ ކައުންސިލްގެ ފަރާތުން ނެގުމަށް ފަހު، ނައްތައިލާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ސިޓީ ކައުންސިލުން އަންނަނީ މާފަންނު ސަހަރާގެ ހުރިހާ މަހާނަ ގާތަކާއި މިނި ކަށިތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މާފަންނު ސަހަރާ ހުސްކުރަނީ އެތަނުގައި ސަރުކާރުން ޕާކިން ބިލްޑިންއެއް އެޅުމުގެ ބޭނުމަށެވެ.









