މިއަހަރު އެފްރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 23000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޖަވާދު | 318 ދުވަސް ކުރިން - 4 ޑިސެންބަރު 2024 17:19
ޚުލާސާ

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 23000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އަޑީގައި އެމެރިކާއާއި ހުޅަނގުގެ ބައެއް ބާރުތައް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ.

މިއަހަރު އެފްރިކާގައި ހިނގަމުންދާ އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުގެ އަނިޔާވެރި ޙަމަލާ ތަކުގެ ސަބަބުން 23،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ސާހެލް އަދި ސޯމާލިޔާ ސަރަޙައްދަކީ މިހާރު ވެސް ހަމަނުޖެހުންތަކުގައި އެންމެ ބޮޑަށް އަސަރުކުރަމުންދާ ސަރަޙައްދުތަކެވެ. ސާހެލްއަކީ މޮރިޓޭނިއާ، މާލީ، ބުރުކީނާ ފާސޯ، ނައިޖަރ، ޗާޑު އަދި އެހެން ބައެއް ޤައުމުތަކުގެ ބައެއް ސަރަޙައްދުތަކަށް ސަރަޙައްދީ ގޮތުން ކިޔާ ނަމެކެވެ. މި ސަރަޙައްދުތަކުގައި އަނިޔާވެރިކަން އިތުރުވެ، އާންމު ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް އިތުރުވަމުން ދާތީވެ ބައިނަލްއަޤްވާމީ ފަރާތްތަކުން ކަންބޮޑުވެއެވެ.

ސޯމާލިއާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް (ފައިލް ފޮޓޯ)

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެފްރިކާގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން 23،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު މަރުވި މީހުންގެ ޢަދަދު 20 ޕަސެންޓަށްވުރެ މަތީ ޢަދަދެދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން ދެބައިކުޅައެއްބައި މީހުން މަރުވެފައި ވަނީ ސާހެލް ސަރަޙައްދުގައެވެ. ބުރުކީނާ ފާސޯ އަދި މާލީ ފަދަ ޤައުމުތަކަކީ މި އަނިޔާވެރިކަމުގެ އެންމެ ބޮޑު އަސަރު ކުރަމުންދާ ޤައުމުތަކެވެ. ބުރުކީނާ ފާސޯގައި އެކަނި 7،700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން އެޤައުމުގެ ބޮޑު ސަރަޙައްދެއް ވަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

ސޫދާނުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ރެފިއުޖީންތަކެއް

ސޫދާނުގައި ސަރުކާރުގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް 9،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މި ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކާއި އިންސާނީ އެހީ ލިބުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އދ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން، ސޯމާލިޔާގައި އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުގެ ހަމަލާތައް އިތުރުވެ، އެ ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ.

އެފްރިކާ ސަރަޙައްދުގައި ހިނގާ ހަނގުރާމަތަކުގެ އަސްލު ސަބަބުތަކުގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކުން އަޑީގައި ތިބެ ހިންގާ ހަމަނުޖެހުންތައް ވެސް ހިމެނެއެވެ. އޭގެތެރޭގައި ޤުދުރަތީ ވަސީލަތްތަކަށް ކުރެވޭ ވާދަވެރި މަސައްކަތްތައް ހިމެނެއެވެ. ޔޫރަޕާއި އެމެރިކާއިން ފަންޑު ކުރާ ކަމަށް ތުހުމަތު ކުރެވޭއިރު، އެފްރިކާ ޔޫނިއަނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މި ހަނގުރާމަތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ސަރުކާރުތަކުގެ ބަލިކަށިކަމާއި ފައިސާގެ ދަތިކަމުގެ ސަބަބުން މި މަސައްކަތްތައް ކާމިޔާބުވާ ގޮތެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%