ޗައިނާއާއެކު ސިޔާސީ ގުޅުން އޮންނަ އެފްރިކާގެ 53 ޤައުމަކުން އެ ޤައުމަށް އެތެރެކުރާ ހުރިހާ މުދަލަކުން އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް ޗައިނާ ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި މިހާރު ކުރިއަށްދާ "ފޯރަމް އޮން ޗައިނާ-އެފްރިކާ ކޯޕަރޭޝަން" (ފޮކާއޯ) ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގްއެވެ.
މި ސަމިޓަކީ އެފްރިކާގެ ޤައުމުތަކުގެ އިސްވެރިންނާއި ޗައިނާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައްދަލުވުމެކެވެ.
މިއީ ދުނިޔޭގެ ބޮޑު އިޤްތިޞާދަކުން އެފްރިކާގެ މިހާ ގިނަ ޤައުމުތަކަކަށް "ޒީރޯ-ޓެރިފް" ނުވަތަ އެއްވެސް ޑިއުޓީއަކާ ނުލައި މުދާ އެތެރެކުރުމުގެ ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. މި ނިންމުމުގެ ސަބަބުން އެފްރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރުން އިތުރުވެ، އެ ޤައުމުތަކުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެފްރިކާގެ އެކި ދާއިރާތަކުގެ ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޗައިނާއިން ވަނީ ނިންމާފައެވެ.








