ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ހެދުމަށް ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑާ އެކު އީޕީއޭއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އީޕީއީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
އީޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާއިބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
މި ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ