އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ބަދަލުގައި އުފެެއްދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް އިސްވެރިއަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އީޕީއޭ މީގެ ކުރިން ހިންގާފައިވަނީ ގަވަނިން ބޯޑެއްގެ އޮވެގެން ހިނގާ ވަކި އިދާރާއެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ބަދަލުކޮށް އެ އޮތޯރިޓީ އެންވަޔަރަމަންޓް އެންޑް ޓުއަރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ސެކްޝަނެއް ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
އީއާރުއޭއަށް އިސްވެރިއަކު ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކުރިންނެވެ. އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ހިންގަން ހުންނާނެ އެންމެ އިސްވެރިޔާގެ މަގަމަަކީ ޗީފް އެޑްމިނިސްޓްރޭޓަރެވެ. މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާ އެވެ. އަދި ލިވިން އެލަވަންސަކީ މަހަކު 15،000 ރުފިޔާ އާއެކު ޖުމުލަ 35،500 ރުފިޔާ އެވެ.
މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
ފާހަގަކޮށްލެވޭގޮތުގައި އީޕީއޭގެ އެންމެ އިސް މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ނައީމެވެ. އޭނާއަކީ އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އެވެ.